ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފް މެދުވެރިކޮށް މިހާތަނަށް 27 ކުދިން އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވި ފަހުން، ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި އެސެންޓަރުން ފަރުވާ ހޯދި ފަރާތްތަކުގެ ތެރެއިން 35 ފަރާތެއްގެ އައިވީއެފް ކާމިޔާބު ކުރެވިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކުރެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ހާމަކުރާގޮތުގައި އޭގެތެރެއިން 8 ފަރާތެއްގެ ޓްރީޓްމަންޓް މިހާރުވެސް ކުރިއަށްދާއިރު ޓްރީޓްމަންޓަށްފަހު ކާމިޔާބުކަމާއެކު 27 ކުއްޖަކު ވަނީ އުފަންވެފައެވެ.
ދަރިމައިވުމުގެ މައްސަލައަށް ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިގޮތުން ދަރުމަވަންތައިގައި ޤާއިމުކުރެވުނު ސެންޓަރުން އެ ފަރުވާ ހޯދާ 27 ޢާއިލާއަކަށް ވަނީ ރާއްޖޭގައި ތިބެގެން އެ ފަރުވާ ލިބިފައެވެ.
ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އިތުރުވަމުންދާ މައްސަލައެކެވެ. އައިވީއެފް އާއި އައިޔޫއައި މެދުވެރިކޮށް ދަރިމައިވުމުގެ ފަރުވާ ރާއްޖެއިން ބޭރުން ހޯދުމަކީ ވަރަށް ބޮޑެތި ހަރަދު ހިނގާ ކަމެކެވެ.