ތ. ގުރައިދޫގައި ހުންނަ ސައިޓެއްގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް ޢަލަމްއަށް ހަމަލާދީ ޤަޞްދުގައި މަރާލި މައްސަލައިގައި، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއަހްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލައި، މަރުގެ ދިޔަ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޝާޙް އަލަމް ތ. ގުރައިދޫ ކަންޑަރު ސަރަހައްދުގައިހުރި ސައިޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.

ފުން ޒަޚަމްތަކަކާއެކު ޝާހް އަލަމް މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ހާދިސާ ހިނގި 21 މެއި 2020 ގެ ދަންވަރު 00:44 ހާއިރު އެވެ. އެ ހާދިސާގަައި ބަބުލް މިއަހް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޝާހް ޢަލަމްގެ ކަރަށާއި، ކަނާތްފަރާތު ކިހިލިފަތި ކައިރިން މެޔަށާއި، އަރިކަށްޓަށް އަދި މައިބަދަ ކައިރިން ބުރަކަށްޓަށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާއަށްފަހު ލިބުނު ފުން ޒަޚަމްތަކާއެކު ޝާހް ޢަލަމް އެހީއަށް އެދި ކައިރީގައިވާ ސައިޓެއްގެ ދޮރުގައި ތެޅުމަށްފަހު، އެ ސައިޓުގެ ގޭޓު ކައިރިއަށް ވެއްޓި ވަނީ މަރުވެފައެވެ.

ފުލުހުންގެ ތަޙުޤީޤުން އެނގުނު ގޮތުގައި އެ ހާދިސާ ހިނގި ސަރަހައްދުން ލޭ ހުރި ކަތިވަޅިއަކާއި، ކިވީ ބްރޭންޑުގެ އާ ވަޅިއެއް ފެނިފައިވާއިރު، ބަބުލް މިއަހް ދިރިއުޅޭ "ފަންނު ގޭ" އިން ވަނީ ކިވީ ބްރޭންޑުގެ އައު ވަޅި ސެޓެއް ހުސްކޮށްފައިވަނިކޮށް ފެނިފައެވެ.

އެ މައްސަލައިގެ ތަޙުޤީޤުގައި ބަބުލް މިއަހް ބުނެފައި ވަނީ، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އޭނާއަށް ހަމަލާދީ ފޭރެން އުޅުނީ ކަމަށެވެ. އަދި ޝަރީޢަތުގައި ދިފާއުން ބުނެފައި ވަނީ އޭނާ އަމަލުކުރީ ނަފްސުގެ ދިފާއުގައި ކަމަށްވީ ނަމަވެސް، ދައުލަތުން ހުށަހެޅި ފޮރެންސިކް ހެކި، ޑީއެންއޭ، އަދި ހެކިންގެ ހެކިބަހުން ބަބުލް މިއަހް ދެއްކި ވާހަކަތަކަކީ ދޮގުކަން ސާބިތުވެފައިވެއެވެ.

އެގޮތުން މި މައްސަލައިގައި، ބަބުލް މިއަހްގެ މައްޗަށް ދައުލަތުން އުފުލި "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް" އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން އެކަމުގެ އުގޫބާތެއްގެ ގޮތުގައި އޭނާ އުމުރަށް ޖަލަށް ލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.