ސަރުކާރުގެ ދެއުޅިއެއްނުވާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ފުން އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ސިޔާސަތުތަކަށް ގެންނަމުންދާ ދެއުޅިއެއްނުވާ ދޯހަޅި ބަދަލުތަކުގެ ސަބަބުން މިއަދު ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީގައި ކަމަށެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމެއްނެތި ގެނެވޭ ކޮންމެ ބަދަލަކީ އޭގެ ނުރަނގަޅު ނަތީޖާއާ ފަހުން ކުރިމަތިލާންޖެހޭނެ ބަދަލެއް ކަމަށެވެ.
ޝާހިދު ވަނީ، ސަރުކާރުން ގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތު ދޫކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެެރިންނާ އެކު މަޝްވަރާއަށް ވަޑައިގެން އެބޭފުޅުންގެ އަޑުއަހައި، ރާއްޖޭގެ ފަތުރުވެރިކަން ސަލާމަތްކުރުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓުމަށް އަނެއްކާވެސް ގޮވާލައްވާފައެވެ.
ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް ފަހަކަށް އައިސް ސަރުކާރުން ގެންނަމުންދާ ސިޔާސީ ބަދަލުތަކާމެދު ރިސޯޓު އޯނަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓްރެވަލް އޭޖެންޓުން އަންނަނީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެ ފަރާތްތަކުގެ ހިޔާލު ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކުރަމުންނެވެ.