މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއި ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީ އެއްގައި ކުޑޫ ވަނީ، މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ދެމެހެއްޓެނިވި ފަތުރިވެރިކަން ކުރިއެރުވުމަށާއި، މި ދާއިރާގެ ދިވެހި ހުނަރުވެރިން ބަޔާންކޮށް، ރާއްޖޭގެ ތިމާވެއްޓާއި ސަގާފީ އަގުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ، އެ ސިނާއަތުގެ މާހިރުންނާއި އިތުބާރު ހުރި ބައިވެރިން ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާއަށް ދިގު މުއްދަތުގެ ހެޔޮ ނަތީޖާތަކެއް ހޯދައިދިނުމަށް އުފައްދާފައިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ 'ޑެސްޓިނޭޝަން ފިއުޗާ' ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.
އެގޮތުން އެ ކަންބޮޑުވުންތަކުގެ ތެރޭގައި، ފަތުރުވެރިކަމުގެ ހާލަތު ދަށްވުން، ރިސޯޓުތަކުގެ އަދަދު އިތުރުވުން، ބައިނަލް އަގުވާމީ ވިއުގަ އަށް ކުރާ ނޭދެވޭ އަސަރު، އަމަލީގޮތުން ތަންފީޒުކުރުމުގެ ދަތިކަމާއި މައުލޫމާތުގެ ފަރަގު، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިންޒާރު، އަދި މާލީ ހިސާބުތަކުގެ މައްސަލަ ހިމެނެއެވެ.
ކުޑޫ ވަނީ 'ޑެސްޓިނޭޝަން ފިއުޗާ' އިން ހުށަހަޅާފައިވާ މައިގަނޑު ހުށަހެޅުންތައްވެސް އެ ސިޓީގައި ހިމަނުއްވާފައެވެ. އޭގެ ތެރޭގައި ގާނޫނަށް އަމަލުކުރުން ވަގުތީގޮތުން މެދު ކަނޑާލުން، ގާނޫނުން އުނިކުރުން، އަދި އާމްދަނީ އިތުރުކުރުމުގެ އައު ރޭވުން ހިމެނެއެވެ.
ކުޑޫ ވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައި އިރު، ދިވެހި ސަރުކާރުން އިގުތިސާދީ ގޮތުން ކުރާނެ އަސަރުތަކުގެ ދިރާސާއެއް ނުވަތަ މާކެޓް ރިސްކް އެނަލިސިސްއެއްގެ އިތުރުން ކަމާބެހޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ހަދަންޖެހޭ ފީޒަބިލިޓީ ސްޓަޑީއެއް ހަދާފައި ނުވާކަން ފާހަގަކުރައްވާފައެވެ.
މި ގާނުނު 31 އޮގަސްޓުގައި ތަސްދީގުކޮށްފައިވީ ނަމަވެސް އަމަލުކުރަން ފަށާނީ 1 އޮކްޓޯބަރުގައި ކަން ފާހަގަކުރައްވާ ކުޑޫ ވަނީ، މި މުރާޖާގެ ތެރެއިން، ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ނިންމުމާއި، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އިސްތިސްނާ ދިނުމާއި، ނުވަތަ ބައިނަލްއަގުވާމީ މާކެޓްގެ އިތުބާރު ދެމެހެއްޓޭނޭ ފަދަ އުސޫލުތަކެއް ކަނޑައެޅުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަތަކަށް ހޯދައިދިނުމަކި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއްކަމުގައި ދެކިވަޑައިގަންނަވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބައްލަވާދެއްވުމަށް އެދިލވަޑައިގެންފައެވެ.