ލޯނު ދެއްކުމާއެކު، ބަނޑަށް ޖެހޭނެ ކަމަށް ބުނި މީހުންނަށް ސަރުކާރުގެ އިސް ފަރާތްތަކުން ހޫނު ރައްދެއް ދެއްވައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި(ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި ހަލާސްކުރުމާއި ގުޅިގެން، ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މީސް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އެވެރިންނަށް އޮތީ ނެގުން" ކަމަށާއި، "މިވެރިންނަށް އޮތީ ދެއްކުން" ކަމަށެވެ.
ވަޒީރު އިހުސާން ވަނީ، ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ 3 އަހަރު ތެރޭގައި، 10 ފަހަރަށް ވުރެ ގިނައިން އިއުލާން ކޮށްފައިވާކަން ފާހަގަކުރައްވާ، ކޮންމެ ފަހަރަކުވެސް ބަނޑަށް ޖެހެނީ އެވެރިން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ސިޔާސީ ގޮތުން ކަމަށްވެސް ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޑީފޯލްޓް ވޭތޯ ދުއާކުރަމުންދިޔަ އެންމެނަށް ކުޑަ މެސެޖެއް އެބައޮތް ކަމަށެވެ.
މުންދު ވަނީ، އިދިކޮޅުން ރައްޔިތުންގެ ބޮލުގައި އެޅުވި މި ދަރަނިވެސް ދައްކައިފި ކަން ފާހަގަކުރައްވާ، އެ ދަރަނި ދައްކާފައި ވަނީ އިތުރު ދަރަންޏެއް ނުނަގާ ކަމަށް ވިދާޅުވެފައެވެ. އަދި ތެޔޮ ގަންނަން ފައިސާ އެބަހުރި ކަމަށާއި، އަސާސީ ކާބޯތަކެތިވެސް ގެނެވޭނެ ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، ވެރިކަމުން ފޭބިއިރު ބާކީ އެންމެ 2 މިލިއަން ބެހެއްޓި ބަޔަކު ޔޫޒަބަލް ރިޒާވްގެ ވާހަކަ ދެއްކުން މުނާސަބެއް ނޫން ކަމަށާއި، ބުއްދިވެރިވާނީ ރައްޔިތުންނަށް ބިރުދައްކަން އާ މައުލޫއުއެއް ހޯދުން ކަމަށެވެ.
މިކަމާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއުވެސް އެކްސްގައި ޕޯސްޓެއް އާންމުކުރައްވާފައިވާ އިރު، ޝުޖާއުގެ ޕޯސްޓު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހާއްސަކުރައްވާފައެވެ.
އެގޮތުން އެ ޕޯސްޓުގައި ރައީސް ނަޝީދަށް މުހާތަބުކޮށް ޝުޖާއު ވަނީ، އެމަނިކުފާނުގެ ޕާޓީގެ ވެރިކަމުގައި އިންޑިއާ އިން ނެންގެވި 150 މިލިއަން ޑޮލަރު އެ ވެރިކަމުގައި އޮތީ ނުދައްކާ ނޫންތޯ އަދި ދެއްކުމުގެ ގާބިލްކަންވެސް ނެތީ ނޫންތޯ ސުވާލު އުފައްދަވާފައެވެ. އަދި ދަރަނި ނުދައްކާ ކުރި ކަންތައްވެސް ދިވެހީންނަށް އެނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން، ރައީސް ނަޝީދާއި އެމްޑީޕީގެ ވެރިން އެ ލޯނު ނުދެއްކޭނޭ ބުނެބުނެ އޮއްވާ އޭގެން 100 މިލިއަން ޑޮލަރު ކުރިން ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
ބާކީ ނުދެއްކި އޮތް 50 މިލިއަން ޑޮލަރުވެސް މިއަދު ދައްކާ ހަލާސްކޮށްފައިވާ ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ރައީސް ނަޝީދާއި، އެމަނިކުފާނުގެ ޕާޓީން ދިވެހިރާއްޖެ ބަނގުރޫޓު ވާގޮތައް ލޯނުތައް ތަރުތީބު ކޮށްފައި އޮތަސް، އެހެން ނުވާނޭގޮތްވެސް ވެދާނޭ ކަމަށް ހިސާބު ޖައްސަވަން ވާނެނޫންތޯ ސުވާލު އުފައްދަވާފައެވެ.
ޝުޖާއު ވަނީ، 50 މިލިއަން ޑޮލަރުގެ ލޯނު ދިވެހީންނަށް ނުދެއްކޭނެ ކަމަށް ރައީސް ނަޝީދަށް މައުލޫމާތު ދެއްވި ފަރާތުގައި، 150 މިލިއަން ޑޮލަރު ދައްކާ ނިންމައިފި ކަމާއި، ކާޑާއި ތެޔޮވެސް ދިވެހީންނަށް ލިބޭނެ ކަމަށް ދެންނެވުމަށް ރައީސް ނަޝީދުގެ ގާތުން އެދިލައްވާފައެވެ.
މީގެ އިތުރުން، މިކަމާ ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުން މާލީ ނިޒާމް ބޮއްސުންލާން ދޫކޮށްލާ، މަތިމައްޗަށް ދަރަނި ނަގަމުން، ދައުލަތުގެ ބަޖެޓުން އިސްރާފު ހަރަދުތައް ކުރަމުން ދިޔަދިޔުމުގެ ތެރޭގައި ނަގާފައި އޮތް 150 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް މިސަރުކާރުން އަނެއްކާވެސް ދައްކައި، ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް ބޮޑު ދަރަންޏަކުން މިންޖުކޮށްދެއްވުމަކީ ބޮޑު އުފަލެއް ކަމަށެވެ.