ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއްދޭން ތާއީދުކުރާ އެންމެ ބޮޑު ސަބަބަކީ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަސައްކަތްކުރައްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، ޕީއެންސީން މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކޮންގްރެސްގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ސެޝައެއްގައި ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް އެދި، އެ ޕާޓީގެ މެންބަރުންގެ ފަރާތުން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ރައީސް މުއިއްޒަށް ދެވަނަ ދައުރެއްދޭން ޖެހޭ ސަބަބުތަކެއް އެބަހުރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒަކީ މި ގައުމުގެ ހަމަޖެހުމާ ތަރައްގީގެ އިތުރުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުން މި ގައުމުގައި ދެމި އޮންނާނީ އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، މި ގައުމުގެ ގައުމިއްޔަތެއް އާލާކޮށް ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ދިރުވުމަށް ގައުމިއްތަތެއް ބިނާ ކުރެއްވުމަށް ރައީސް މުއިއްޒު ބޮޑެތި މަސަކަތްތަކެއް ފައްޓަވާފައިވާތީ ކަމަށެވެ.
އަދި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހެނީ، ގައުމެއްގެ ނިސްބަތުން ގައުމެއް ދިރުވައި އާލާ ކުރުމަށްޓަކައި ހާއްސަކޮށް އިސްލާމީ ހިދާޔަތަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށްވާއިރު ދީން ކުރިއެރުވުމަށް ތަނބުތަކެއް ގާއިމު ކުރެއްވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސަކަތްޕުޅުތަކަށް ފުރިހަމައަށް ތައީދު ކުރައްވާތީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.