ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ފައިދާ ވަނީ ހަމައެކަނި މުއްސަނދިންނަށް ނޫން ކަމަށާއި، އެ ފިޔަވަޅުތަކުން ފައިދާ ވަނީ ދިވެހި ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިހާރު ކުރިއަށްގެންދާ ކޮންގްރެސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޑރ. މުޢިއްޒު ގެންނަން ހުށަހެޅި ގަރާރަށް ތާއީދުކުރެއްވި މައިގަނޑު ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާ އެއް ހަަމައިގައި މަސއްކަތްޕުޅު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.

ސަލީމް ވަނީ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް އަދި މާލޭގައިވެސް ގިނަ އަދަދަކަށް އާންމު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައި ހާލު ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެކިއެކި ކޮމިޓީތަކާއި، އެކިއެކި ޖަމިއްޔާތަކާއި ބައްދަލުކުރައްވައި ގައުމުގެ ހާލަތު ސީދާ ރައީސް ބައްލަވަމުން ގެންދަވާ ކަމަށްވެސް ސަލީމް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ހާލުބަލައި އެޅެން ހުރި ފިޔަވަޅެއް ގާނޫނީ ހަމަތަކުގެ ތެރެއިން އަދި އަމިއްލަފުޅަށްވެސް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ސަލީމް ވިދާޅުވީ ބައެއްފަހަރު ސަރުކާރުވެސް އަދި ސަރުކާރުގެ މަތީ ފަންތީގައި ތިބޭ މީހުންވެސް ތިބެނީ ވިޔަފާރިވެރިންގެ އަތްދަށުވެފައި ކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ ރައީސް މުޢިއްޒު އެއްވެސް ވިޔަފާރިވެރިއެއްގެ އަތްދަށު ނުވެ ގައުމު ހިންގަވަމުންގެންދަވާތަން ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން އޭގެ ފައިދާ ކުރާނީ ހައެއްކަ މުއްސަނދިންނަށް ނޫން ކަމަށާއި، އެ ފިޔަވަޅުތަކުގެ ފައިދާ ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.