މި ސަރުކާރު ހަވާލުވިތާ ތިން އަހަރު ދުވަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާއަށްވުރެން ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތައް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މުއާމަލާތްކުރާ އެއް ތަނަކަށް ފުލުހުން 180 ފަހަރު ވަތް ކަމަށާއި، މަސްތުވާތަކެތި ސަޕްލައިކުރެވޭ ވަރު މަދުކުރުމަށްޓަކައި އެކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް 508 އޮޕަރޭޝަނެއް ހިންގިފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރު އައިފަހުން މިހާތަނަށް 1.33 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި 23 މައްސަލައެއް މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން 16،852 ރާފުޅިތައް ރަށްރަށަށް ގެންދަނިކޮށް އަތުލައިގެންފައިވާ ކަމަށާއި، ރާ އެތެރެކުރާ ބައެއް ފަރާތްތަކުގެ ހުއްދަ ވެސް ހިފަހައްޓައިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ، ކާގޯއާއި ޕޯސްޓު މެދުވެރިކޮށް އެތެރެކުރާ މުދަލާއި ޕެކޭޖުތައް ކުރިއަށް ވުރެ ބޮޑަށް ސްކޭންކޮށް ކޮންޓްރޯލްޑް ޑެލިވަރީގެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުގެ އަސްލު ހޯދައި މައްސަލަތައް ތަހުގީގުކުރަމުންދާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ އިންތިހާބެއް ގާތްވާ ކޮންމެ ފަހަރަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ޖަލުން މިނިވަންވާ ގޮތަށް އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.