2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހުން ފާސްކޮށްފިއެވެ.

ޕީއެންސީގެ މަތީ މަޖިލީހުން މިކަން ފާސްކޮށްފައިވަނީ މިއަދު ހެނދުނު ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ މަތީ މަޖިލީހަށް ހުށަހެޅި ގަރާރަކުންނެވެ.

މި ގަރާރު ހުށަހެޅުއްވީ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ. މި ގަރާރާ ގުޅިގެން މަތީ މަޖިލީހުގައި ވަނީ މެންބަރުންގެ މެދުގައި ބަހުސްވެސް ކޮށްފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި ރައީސް ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސްކޮށްފައި ވަނީ މަޖިލީހުގައި ހާޒިރު 1،119 މެންބަރުންގެ އިއްތިފާގުންނެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެކެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމަށާއި،ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އިގްތިސާދު ސިންދަފާތުކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމާއި، ގައުމީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާއި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ނައްތާލެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ އިތުރުން، ބައިނަލްއަގްވާމީ މަސްރަހުގައި އިސްލާމްދީނުގެ ހައްގުގައްޔާއި އަހުވަންތަ ފަލަސްޠީނުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ރައީސް ޑރ. މުޢިއްޒު ގައުމަށް ގެންނަވަމުންދާ ހަމަޖެހުމާއި ތަރައްގީގެ ދަތުރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ހައްގުވާ ކަމަށް ޕާޓީގެ މެންބަރުން ދެކޭ ކަމަށް މި ގަރާރުގައިވެއެވެ.

ހުށަހެޅުނު ގަރާރުގައި ބަޔާންކޮށްފައިވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.