މާލޭގެ އުތުރު ފަރާތުގެ ނެރު ބައްތިތަކުގެ ކުލަ ފަނޑުވެ، އެ ބައްތިތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފިލުވައި އަލުން ކުލަލައި އާކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީކައުންސިލުން މިއަދު ބުނީ މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ހާބަރ އެންޑް މާކެޓް މެނޭޖްމަންޓް ސެކްޝަނުން ދޭތެރެ ދޭތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން ޖުމްލަ 9 ނެރު ބައްތިއެއް ކުލަ ލައި އާކުރުމުގެ މަސައްކަތް ބާރަށް ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.

މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ އަދި ވިލިމާލޭގެ މަލަމަތި ރީތިކޮށް ބެހެއްޓުމަށް ކުރެވެމުންދާ މި މަސައްކަތަކީ ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މުހިންމު ކަމެއް ކަމަށެވެ. ވެރިރަށް މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެކި ފަރާތްތަކަށް މާލެއަކީ ހިތްގައިމު އަދި ރީތި ތަނެއްގެ ގޮތުގައި ފެންނާނެހެން ހެދުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި މާލޭގެ ފަޅުތެރެ ސާފުކުރުމާއި، މާލެ ވަށައިގެންވާ ބޭރު ތޮށިގަނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.

މާލޭގެ ނެރު ބައްތިތަކަކީ ބަނދަރުތަކަށް ވަދެނިކުމެވާ އުޅަނދުފަހަރަށް ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަށާއި، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައާއި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ލޮލަށް ފެންނަ މިންވަރު ދަށްވާ ހާލަތްތަކުގައި ނެރުތައް ސާފުކޮށް ވަކިކުރަން އެނގޭނެހެން ހަރުކޮށްފައިވާ މުހިންމު ދިއްލޭ ނިޝާންތަކެކެވެ.