ރ.އިނގުރައިދޫގެ 30 ގެއަކަށް ފެންވަދެ، އޭގެތެރެއިން 15 ވަރަކަށް ގެއަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ( އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެންވަދެ، އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދީފައިވާ ކަމަށް އެންޑިއެމްއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން ބުނީ ގޭގެއަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ފެންހިއްކުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ މުއައްސަސާތައް އަދި ރައްޔިތުން ގުޅިގެން މިހާރުވެސް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން، ފެންބޮޑުވުމާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އެ އޮތިރިޓިން ބުނެއެވެ.

އުތުރުގެ ރަށްތަކުގެ ތެރެއިން ރ. ރަސްމާދޫ، ރ. އިނގުރައިދޫ އަދި ޅ. ނައިފަރުގައިވެސް ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދެކުނަށް ކުރި ވިއްސާރައިގައި ދެކުނުގެ 3 އަތޮޅުން 120 ގެއަކަށް ފެންވަދެގެން ވަނީ ރިޕޯޓުކޮށްފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ 118 ގެއަކާއި ފުވައްމުލައް ސިޓީގެ 1 ގެއަށް އަދި ގދ.ތިނަދޫން 1 ގެއަށް ފެންވަދެގެންވަނީ ރިޕޯޓުކޮށްފައެވެ.