ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި(ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި ޚަލާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު އެސްބީއައި މެދުވެރިކޮށް ނަގާފައިވާ އެ ލޯނު ފެސިލިޓީގެ ތެރެއިން ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު މިއަދު ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ. މިއީ މިއަދަށް މުއްދަތު ހަމަވާން އޮތް ބައެކެވެ.
އެ ދަރަނި ދައްކާފައިވަނީ އެކި ބައި ބަޔަށް ބަހާލައިގެންނެވެ. އެގޮތުން މި ސަރުކާރުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު، އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އަދި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާ އެކު މި ފެސިލިޓީ މިވަނީ އެއްކޮށް ޚަލާސްވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައި ކަމަށް އެ ބަޔާނުގައި މިނިސްޓްރީން ބުނެފައި ވެއެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮފައެވެ.
މީގެ އިތުރުން ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ދީފައެވެ.
ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ހާމަކުރެއެވެ.