އދ. މަހިބަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އި މި މަޝްރޫއުގެ ދަށުން ހަތް ހެކްޓަރުގެ ބިން ހިއްކުމާއި، 737 މީޓަރުގެ ދިގުމިނުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ.
22.3 ހެކްޓަރުގެ ބިމެއްގެ މައްޗަށް އެކުލެވޭ މަހިބަދޫއަކީ 2,700 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އަދި މިވަގުތު ވެސް ގާތްގަނޑަކަށް 2,000 މީހުން އެރަށުގައި ދިރިއުޅެމުންދާއިރު، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ނެތުމުގެ ސަބަބުން ބޯހިޔާވަހިކަން ނުލިބި ތިބި ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މައްސަލައެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން، މަހިބަދޫގެ ގޮނޑުދޮށްތައް ހިމާޔަތްކުރެވި، ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ ބިމުގެ ދަތިކަމަށް ދާއިމީ އަދި އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މަހިބަދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް، ރަށުގެ ރައްޔިތުންނަށް ދިގު މުއްދަތެއްގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.