މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކައްދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒާރުމާގެ / ލ. މާވަށް، ޢަބްދުﷲ ޤާސިމް (31އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މި މަހު 15 ވަނަ ދުވަހުގެ ރޭ 7:13 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަންގައި ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ 29.34 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.