މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ފަރުވާ ލަސްވި މައިގަނޑު ސަބަބަކީ ބަލިމީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންދާނެ ޖަލު އޮފިސަރުން ނެތުމުގެ ސަބަބުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްއާރްސީއެމް އިން ވަނީ 2024 ވަނަ އަހަރުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެމްސީއެސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ސިއްހީ ފަރުވާ ލަސްވި މައިގަނޑު ސަބަބުތަކާއި އެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ.

އެގޮތުން އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގައިދީންގެ ފަރުވާ ލަސްވި މައްސަލަތަކުގެ ތެރެއިން ފަރުވާއަށް ގެންދިޔަ އޮފިސަރަކު ނެތިގެން ލަސްވި މައްސަލަތަކުގެ ނިސްބަތް 2024 ވަނަ އަހަރު 49.5 އިންސައްތައިގައި ހުރި އިރު، 2025 ވަނަ އަހަރު އެ ނިސްބަތް ހުރީ 46.9 އިންސައްތައިގައެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ހުރީ 63.2 އިންސައްތައިގައެވެ.

އެޗްއާރްސީއެމްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގައިދީންގެ ފަރުވާ ލަސްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ދެވަނައަށް އެންމެ އާންމު ސަބަބެއް ކަމަށް ފާހަގަކޮށްފައި ވަނީ ސްޕެޝަލިސްޓް އެޕޮއިންޓްމަންޓް ލަސްވުމެވެ. މިގޮތުން ހާއްސަ ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓުންގެ އެޕޮއިންޓްމަންޓް ލިބުން ލަސްވުމުގެ ސަބަބުތަކުގެ އިންސައްތަ 2024 ވަނަ އަހަރު ހުރީ 18.5 އިންސައްތައިގައެވެ. އަދި 2025 ވަނަ އަހަރު އެ އަދަދު 20.3 އިންސައްތައިގައި ހުރި އިރު، 2026 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެ އަދަދު ހުރީ 15.8 އިންސައްތައިގައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ މުއްދަތުގެ ތެރޭގައި ގައިދީންގެ ފަރުވާ ލަސްވި ސަބަބުތަކުގެ ތެރެއިން ތިންވަނައަށް އެންމެ އާންމު ސަބަބެއް ކަމަށް ފާހަގަކުރެވިފައި ވަނީ އިދާރީ އޮޅުމަކުން ފަރުވާ ލަސްވުމުގެ މައްސަލަ އެވެ. 2024 ވަނަ އަހަރު އިދާރީ އޮޅުމަކުން ފަރުވާ ލަސްވުމުގެ މައްސަލަ 7 އިންސައްތައިގައި ހުރި އިރު، 2025 ވަނަ އަހަރު މާފުށިން ސިއްހީ ފަރުވާ ނުވަތަ ހިދުމަތް ލިބެން ނެތުމުގެ 12.7 އިންސައްތަ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި ނިޔަލަށް އިދާރީ އޮޅުމަކުން ފަރުވާ ލަސްވެގެން ދިއުމުގެ މައްސަލަ ހުރީ 13.2 އިންސައްތައިގައެވެ.

އެޗްއާރްސީއެމް އިން ބުނީ އިދާރީގޮތުން އަރާ އޮޅުމުގެ ސަބަބުން ފަރުވާ ލަސްވުމުގެ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މާފުށީ ޖަލުން އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބެން ނެތުމާއި، ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް ބައިތިއްބާނެ އެކަށީގެންވާ ޖާގަނެތުމަކީވެސް ފަރުވާ ލަސްވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މީގެ އިތުުރުންވެސް އެޗްއާރްސީއެމް އިން ވަނީ ގައިދީންގެ ފަރުވާ ލަސްވި ސަބަބުތައް އެ ތަފާސް ހިސާބުތަކުގައި ހިމަނާފައެވެ.