މާތްވެގެންވާ މައްކާގެ މުޤައްދަސް ބިމަށް އަމާޒުކޮށް ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޑްރޯން ހަމަލާ ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ބާރުން ސައުދީގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވައި ނައްތާލާފައިވާ ކަމަށެވެ.
މާތްވެގެންވާ މައްކާއަށް ނުރައްކާވާގޮތަށް، އެ ސަހަރުގައި ތިބި ޙައްޖުވެރިންނާއި، ދިރިއުޅޭ ރައްޔިތުންނާއި އަދި ބިދޭސީންގެ ފުރާނައަށް ނުރައްކާކުރުމަށް ކޮންމެ ފަރާތަކުން ކުރާ ޢަމަލަކީ އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިމުގެ ޙުރުމަތް ކަނޑާލުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތަށް ކުރިމަތިކުރުވި ނުރައްކާތެރި ހައްދުފަހަނައަޅައި ދިއުމެއް ކަމުގައި ވެސް ރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރާއި، އެ ޤައުމުގެ އަޚުންނާ އެއްބައިވަންތަކަން ފާޅުކޮށް، ސައުދީ އަރަބިއްޔާގެ ސިޔާދަތާއި ސަލާމަތް ރައްކާތެރިކުރުމަށާއި، ދެ ޙަރަމްފުޅު ޙިމާޔަތްކުރުމަށް އެ ޤައުމުން އަޅާފައިވާ އަދި އަޅާނެ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައެވެ.