ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން 16 ސެޕްޓެންބަރު 2026 ގައި ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގެ ވަރޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނީ ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 ކަމަށެވެ. އެ އޮތޯރިޓީން 2022 ވަނަ އަހަރު ތައާރަފުކޮށްފައިވާ ދިވެހި ރުފިޔާގެ ނިޝާން އެ ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމުން، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
މިއީ، ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގައި ހާސިލްވި މުހިންމު ލަނޑުދަނޑިއެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށް އެ އޮތޯރިޓީއަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އެެމްއެމްއޭ އިން ވަނީ ޝުކުރުއަދާކޮށްފައެވެ.