މިދިޔަ އޮގަސްޓު މަހު، ިސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފަސްހިސާބުތަކުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން، އެ ބާވަތުވެ 19 މައްސަލައެއް އޮގަސްޓް މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާކަން ތަފަށްހިސާބުތަކުން ދައްކައެވެ.

އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 16 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެއް ކަން ތަފަސްހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 15 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، އެއީ މުޅިންވެސް އަންހެނުންނާއި ގުޅޭ 15 މައްސަލަތަކެވެ.

މީގެ އިތުރުން، ޖިންސީ ހާނިއްކަ ކުރުމުގެ 09 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 04 މައްސަލަ، އިހުމާލު ވުމުގެ 01 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ އަދި ނުރުހުމުގައި ނުވަތަ އިހްތިޔާރާ ދެކޮޅަށް މިނިވަންކަން ހަނިކުރުން ނުވަތަ ހިފެހެއްޓުމުގެ 01 މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 45 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 05 މައްސަލައެކެވެ.