ސިޔާސީ މަސައްކަތް ކުރެވޭނީ މަގުމައްޗަށް ނިކުމެގެން ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާލުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާލުވީ، ސިޔާސީ މަސައްކަތަކީ އެއްގޮތަކަށްވެސް ގޭގައި ތިބެގެން ކުރެވޭ ކަހަލަ މަސެއްކަތެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތް ކުރެވޭނީ މަގުމައްޗައް ނިކުމެ، ކަނޑުމައްޗަށް އަރައި، ފަޅުމަތީގައި ހިނގައި އަދި ރައްރަށް ދަތުރުކޮށް، ހޮޅުއަށިތަކަށް ގޮސް، ބަދިގެ އަށްވަދެ، ގޭގެއަށް ވެދެ، މީހުންނާ ވާހަކަ ދައްކައި، ހިންހެޔޮކަން ދައްކައިގެން ކަމަށެވެ.

ސިޔާސީ މީހުންނަކީ އެއްގޮތަކަށްވެސް ކިބުރުވެރި، ބޮޑާ ބަޔަކަށް ވެގެން ނުވާނެ، އެމީހުން ވާން ވާނީ ކޮންމެމިހަކާވެސް ވާހަކަދައްކާލެވޭ، ކޮންމެ މިހަކާ އެކީގައިވެސް ސައިމޭޒުމަތީ އިނދެލެވޭ، ކޮންމެ މިހަކާ ސަލާމް ކޮށްލެވޭ، ކޮންމެ މީހަކު ދައްކާ ވާހަކަ އަޑުއަހަލެވޭ ވަރުގެ މީހަކަށް. އޭގެ ނަތީޖާ މިއަދު މި ފެންނަނީ. ރައްޔިތުންނާއި ގާތުން މަސައްކަތް ހިދުމަތް ކުރުމުގެ ނަތީޖާ ކޮންގްރެސް ޕާޓީގެ ތެރެއިން މި ފެންނަނީ. ރަށް ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ކައުންސިލްތަކަށް ބައްދަލު ކުރައްވައި، ޕާޓީ މެމްބަރުންނާއި ބައްދަލު ކުރައްވާ، އިސް ރަށްވެހިންނަށް ބައްދަލު ކުރައްވައި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމިހުންގެ ކަންބޮޑުވުންތައް އަޑުަހައި، އެމީހުންގެ އިހުސާސްތަކަށް ހުރުމަތްތެރިކޮށް ހިތްތަވާ އެމީހުންގެ ހިޔަލާއި މަޝްވަރާ ހޯއްދަވައި އޭގެ އަލީގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނަތީޖާ އަކީ ތިން ހާހުން 80 ހާހަށް ދިޔުން"

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މެމްބަރުންނަކީ ވަރަށް ފަހުރުވެރި ބައެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ޕީއެންސީގެ މެމްބަރުންނަކީ ނަމުނާ ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޕީއެންސިގެ މެމްބަރުން ކަންކަމާއި ކުރިމަތި ލަނި އަޒުމު އައު ކޮށްގެން ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ކަމެއް ދިމާވާ ވަގުތު، ޕީއެންސިގެ މެމްބަރުންނަކި ގެއަށްވަދެ ފިލަ ބައެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، އަލުން އައު ހިތްވަރަކާއެކީގައި މަސައްކަތް ކުރަންވީ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. އަދި މެމްބަރުންގެ އިރުޝާދާއި އެއްގޮތަށް އަތޮޅުތަކަށް ދަތުރުތަކެއް އިންތިޒާމް ކުރައްވަން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ލީޑާޝިޕަށް އަންގާފައިވާ ކަންވެސް އަބްދުއްރަހީމް ވަނީ ހާމަކުރައްވާފައެވެ.

އަތޮޅުތަކަށް ގޮސް، އަތޮލުތަކުގެ މީހުން އެއްތަނަކަށް ގެނެސްގެން، ޕާޓީ ހަރަކާތް ހިންގުމުގައި ހިޔާލާއި މަޝްވަރާ، ބަދަލުކޮށް އަދި ދޭން ޖެހޭ ތަމްރީނުތައްދީ، އެމީހުންގެ ވާހަކަ އަޑު އަހައި، އަތޮޅު ފެންވަރުގައިވެސް ސެމިނާތަކެއް ބޭއްވުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އަޅުގަނޑުމެންނާއި ހިއްސާ ކުރައްވާފަ."

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ، ބަލަންވީ ރައިސް މުއިއްޒުގެ ސިޔާސަތަށް ކަމަށެވެ.

އެގޮތުން، ރައީސް މުއިއްޒު މި ގައުމަށް ހަވާލުވީ، އިނދަޖެހިފައިވާ އިގްތިސޯދަކާއި އެކުގައިކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ދަރަނީގެ ރަޝީދަކާ އެކުގައި، ތެދުވެ މިއަދު އެ ދަރަނި ދައްކަމުން، ގައުމުގެ ރައްޔިތުންގެ އަސާސީ ކަންކަމަށް ބުރު ނާރާނެހެން ތަރައްގީގެ މަޝްރޫއުތަކައިގެން ކުރިއަށްދާތީ، ރައީސް މުއިއްޒުގެ ސިޔާސަތާއި މެދު ފިކުރު ހިންގަން ޖެހޭ ކަމަށެވެ. އަދި އެ ސިޔާސަތާއި އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ގައުމުގެ މިނިވަން ކަމަށްޓަކައި، އަމާން ކަމަށްޓަކައި، ހަމަޖެހުމަށްޓަކައި، ސުލްހަވެރި ކަމަށްޓަކައި، އަދި މާދަމައިގެ މުސްތަގުބަލަށްޓަކައި، އެމެން އެކުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައިސް މުއިއްޒު އަށް ކާމިޔާބު ކޮށްދިނުމަށް އަޒުމު އައު ކޮށްގެން ނިކުންނަން ޖެހޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.