މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި މިއަދު ޙިއްޞާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި، ރައީސް ވަނީ ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ކަށަވަރުކޮށްދެއްވާފައެވެ.
މީގެއިތުރުން، މާތްވެގެންވާ މައްކާއާއި އެ ސިޓީގެ ރައްޔިތުންނާއި އަޅުކަމަށް ގޮސްއުޅޭ ޢުމްރާވެރިން އަދި ޙައްޖާޖީން ރައްކާތެރިކުރުމުގައި ރޯޔަލް ސަޢޫދީ އެއަރ ޑިފެންސް ފޯސަސްއިން އަޅުއްވާ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ.
މިފަދަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، މިމައްސަލައިގައި އިތުރަށް މަސްރަޙު ގޯސްވިޔަނުދީ، ސުލްޙައާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.