މުހިންމު ތަރައްގީގެ ދާއިރާތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، މިއަދު ހެނދުނު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ބޭއްވި އެ ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދެއްވާ މުހިންމު ތަރައްޤީގެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، މި ކަންކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ތަރައްޤީގެ ފުޅާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މި ބައްދަލުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ.

އެގޮތުން، އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން، ޞިއްޙީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. އަދި ޚަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްޤީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ޤައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިޢާޔަތްކުރެވިގެން ހިންގޭ މަޝްރޫޢުތަކަކަށް ހެދުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މިފަދަ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރލްޑް ބޭންކުގެ ސަރަޙައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނާޒުކު ޙާލަތްތައް ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުޞަތު ފުޅާދާއިރާއެއްގައި އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.