ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ (އޭކޭ ޕާޓީ)ގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ހިމެނޭ ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ އިތުރުން، ސަގާފީ ގޮތުން ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.