ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވައި، އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް ނާކަމިޔާބީއާ ކުރިމަތިވެވަޑައިގެންފިއެވެ.
ސޯޝަލް ސެންޓަރުގައި 1،300އަށް ވުރެ ގިނަ މެންބަރުންނާ އެކު އިއްޔެ ފެށި ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސުން ހޮވުމުގެ ވޯޓު މިއަދު ހެނދުނު އޮތް އިރު، އެ މަގާމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ތެރެއިން ނައިބު ރައީސްގެ މަގާމަށް 6 ބޭފުޅަކު ވަނީ އިންތިހާބު ކޮށްފައެވެ.
މި ވޯޓު ކުރިއަށް ގެންގޮސްފައިވަނީ ޕީއެންސީން މިކަމަށް ހެދި ހާއްސަ ޕޯޓަލެއް މެދުވެރިކޮށެވެ. މި ވޯޓުގެ ނަތިޖާ އިއުލާން ކޮށްދެއްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގެވެ.
ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ނިމާލްއަށް ލިބިވަޑައިގެންނެވީ 301 ވޯޓު، ނުވަތަ އިންތިހާބުގެ 27 އިންސައްތައެވެ. އަދި އަސްމާއަށް ލިބިވަޑައިގެންވީ 288 ވޯޓެވެ. އެއީ އިންތިހާބުގެ 26 އިންސައްތައެވެ.
އެންމެ ގިނަ ވޯޓާ އެކު ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އޭނާ އަށް ލިބިވަޑައިގަތީ 968 ވޯޓެވެ.
ދެން އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންނާއި އެ ބޭފުޅުންނަށް ލިބިވަޑާގަތް ވޯޓުގެ އަދަދަށް ބަލާއިރު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަށް 964 ވޯޓު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަށް 923 ވޯޓުގެ އިތުރުން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އަށް ވަނީ 833 ވޯޓު ލިބިވަޑައިގެންފައެވެ.
މީގެ އިތުރުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް 862 ވޯޓު އަދި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް 780 ވޯޓު ލިބިވަޑައިގެންފައިވެއެވެ.
އައު ދައުރަކަށް އިންތިހާބުވި 6 ނައިބު ރައީސުންގެ ތެރެއިން އަލަށް އިންތިހާބުވެވަޑައިގެންނެވީ ހަމައެކަނި ރާފިއު އާއި ސައުދާ އެވެ.
މި ވޯޓުލީ ވަގުތު ހޯލްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 1،109 މީހުން ތިބި ނަމަވެސް، ވޯޓުގައި ބައިވެރިވެފައި ވަނީ 1،095 މީހުންނެވެ. އަދި ވޯޓު ނުދެނީ 14 މީހުންނެވެ.