2026 ވަނަ އަހަރުގެ އޮގަސްޓް މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 91 މައްސަލައެއް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 32 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 14 މައްސަލައެކެވެ.

މީގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 08 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލައާއި އެހެނިހެން 02 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮގަސްޓް މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 38 މައްސަލައެކެވެ.

ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް އެވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެއިން ނިކުމެގެން ދިއުމުގެ މައްސަލަތަކެވެ. އެގޮތުން ގެއިން ނިކުމެގެން ދިއުމުގެ 04 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 01 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 03 މައްސަލައެކެވެ. ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 03 މައްސަލައާއި، ސްކޫލަށްދާން ބޭނުން ނުވުމުގެ 03 މައްސަލަވެސް އޮގަސްޓް މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، އެހެނިހެން މައްސަލަތަކުގެ 08 މައްސަލަ ހިމެނެއެވެ.

ކުދިންގެ އަޚްލާގީ މައްސަލަތަކާއި ގުޅިގެން ރިޕޯޓްކޮށްފައިވަނީ ފިރިހެން ކުދިންގެ 08 މައްސަލައަކާއި އަންހެން ކުދިންގެ 10 މައްސަލައެކެވެ.

2026 ވަނަ އަހަރުގެ އޮގަސްޓް މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ ޚައްޤުތަކާއި ގުޅޭ 04 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ކުދިންނަށް ވެކްސިންނުދިނުމާއި ގުޅޭ 01 މައްސަލަ، ސިއްޙި ފަރުވައަށް ހުރަސްއެޅުން/ ނުދިނުމާ ގުޅޭ 01 މައްސަލަ، ކުދިން ސްކޫލަށް ނުފޮނުވުމުގެ 01 މައްސަލަ އަދި ތަޢުލީމަށް ހުރަސްއެޅުމުގެ 01 މައްސަލައެވެ.