ކާށިދޫ ކަނޑަށް އަރިއަޅާލައިގެން ދިޔަވި ސަޕްލައި ދޯނީގައި ތިބި އެންމެން ސަލާމަތްކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް، ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި ވަނީ އަރިއަޅާލައިފައެވެ.
މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 09:57 އެހައިކަންހާއިރުއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ކަނޑަށް ދޫކޮށްލާފައިވާ ކަމަށާއި، ދޯނީގައި ތިބީ 4 މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ. އެއީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ބުނީ ބ. އަތޮޅު ފުލުހުންގެ އެހީތެރިކަމާއެކު އެ ދޯންޏާއި ދޯނީގައި ތިބި މީހުން ރައްކާތެރިކަމާއެކު ބ. އޭދަފުއްޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި 4 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތުދެއެވެ.