އަންނަ ދިރާސީ އަހަރުގެ ކިޔެވުމާއެކު އެންމެ ފުރަތަމަ ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1 ގެ ދަރިވަރުންގެ ފޮތްތަކަށް ކަމަށް ތައުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުލް ލަޠީފް މުޙައްމަދު ވިދާޅުވީ ދަރިވަރުންގެ ފޮތްތަކަށް ގެނައުމަށް މަސައްކަތް ކުރާ ބަދަލަކީ އެކި އެކި މާއްދާތަކުގައި ހުންނަ ލާނިން އޮބްޖެކްޓިވްސްތައް ތީމެޓިކް ކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނަށް އުނގެނުމަށް އިތުރަށް ފަސޭހަކޮށްދިނުން ކަމަށާއި، މި ބަދަލުތަކާއެކު މުދައްރިސުންނަށްވެސް އުނގަންނައިދިނުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.
ފޮތްތައް އަލުން އެކުލަވައިލުމުގެ މި މަސައްކަތް ކުރިއަށްދަނީ ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓުގެ ފަންނީ ލަފައާއި އެހީތެރިކަމާއެކުގައި ކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެއް ކަމަށާއި، މި މަސައްކަތް ނިމުމަކަށް އަންނައިރު މިހާރުގެ މަންހަޖުތަކަށް ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.