ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިހާބުކޮށްފިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިހާބުވި ފަރާތްތަކާއި ލިބުނު ވޯޓަށް ބަލާލާއިރު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަށް 968 ވޯޓު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަށް 964 ވޯޓު، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަށް 923 ވޯޓުގެ އިތުރުން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އަށް 833 ވޯޓު ވަނީ ލިބިފައެވެ.
މީގެ އިތުރުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް 862 ވޯޓު، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް 780 ވޯޓު ލިބިފައިވެއެވެ.
އެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން އިންތިހާބީ ކޮމިޓީއަށް އެ ޝަކުވާ އެއް ލިޔުމުން ހުށަހެޅުމުގެ ފުރުސަތު ޕީއެންސީން ހުޅުވަލާފައިވާ އިރު، އެ ޝަކުވާތައް ހިއްސާކުރަން ވާނީ އިންތިހާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީއާ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި މިއަދު ހަވީރު 16:00ގެ ފަހުން ޝަކުވާތަކަށް ޖަވާބުދޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި 6 ބޭފުޅުން އިގްރާރުވުން އޮންނާނީ މިރޭ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައެވެ.
ޕީއެންސީގެ މަތީމަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ވަނީ މި ކޮންގްރެސްއަށް ފަހުވެސް ޕާޓީ އެއްބައިވަންތަކޮށް އޮތުން ވަރަށް މުހިންމުކަން ފަހަގަކުރައްވާ، ޕާޓީން އެކުވެރި ރޫހެއްގައި މަސައްކަތްކުރުމަށް ބާރު އަޅުއްވާފައެވެ. އަދި އެންމެ މެންބަރުން ގިނަ، ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.