މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތަކުން ވައްކަންކުރާ ފަރާތްތައް ވީ އެންމެ އަވަހަކަށް ހޯދައި، އެ ފަރާތްތަކަށް ޤާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

އާޒިމް މިކަމަށް ގޮވާލެއްވީ، މިފަހަކަށް އައިސް މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކުން ވައްކަން ކުރުމާއި، އެ ތަންތަނަށް އެކިވަރުގެ ގެއްލުންތައް ދިނުމުގެ މައްސަލަތައް އާންމުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން އާޒިމް ވިދާޅުވީ މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިފަދަ ޣައިރު ޤާނޫނީ، ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭ ކަމަށެވެ.

މާލޭގެ މިސްކިތްތަކުން ވައްކަންކުރުން އިތުރުވަމުންދާއިރު، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަސްޖިދުއް ޢަފީފުއްދީން މިސްކިތުގެ ވުޟޫކުރާ ބައިގައި ހުރި ކާނުމަތިގަނޑު ވަނީ ވަގަށް ނަގާފައެވެ. އެއާއެކު ސިޓީ ކައުންސިލުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން މިހާރު ވަނީ އެކަން ކުރި މީހާ އާއި މިސްކިތުން ވަގަށް ނެގި އެލްމެނިއަމް ކާނުމަތިގަނޑު ހޯދައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ތަންތަނަށް ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. އެގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާތަކާއި، ލައިޓްތަކާއި ފެން އިސްކުރުތަކުގެ އިތުރުން ސައުންޑް ސިސްޓަމް ފަދަ އަގުބޮޑެތި ތަކެތި ވެސް މިފަހުން ވަގަށް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މިސްކިތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަށް ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ނަމާދަށް އަރާ ފަރާތްތަކަށް ދޭ ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރާކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިޓީ ކައުންސިލަށް މާލީ ގޮތުންނާއި އިދާރީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމުގައި އެ ކައުންސިލުން ފާހަގަކުރެއެވެ.