ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދެއްވުމަށް ދިވެހި ރައްޔިތުން އަމާޒު ހިފުމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް އިފްތިތާހްކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީ އާއި ކުރިއެރުން ގުޅިފައި އޮތީ ޕީއެންސީއާ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން ބޭނުންވާ އަމާންކަމާއި އޮމާންކަން ގެނެސްދެވޭނީ ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކޮށްގެން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ނިކަން ފަލަކޮށް ދަންމަވާލައްވައި، އެ ރޮނގު ހުރަސްކުރުމުގެ ފުރުސަތު އެހެން އެއްވެސް ފަރާތަކަށް ނުދެއްވައި، ދިވެހީންގެ އަމިއްލަ ބާރު ހިނގާ ގައުމެއް ބިނާކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތަށް ދިވެހި ރައްޔިތުން އިތުރު ފުރުސަތެއް ދޭންޖެހޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް ޕީއެންސީގެ މެންބަރުންނާއި ދިވެހި އެންމެހައި ރައްޔިތުން ކަމަރު ބަންނަން ޖެހޭކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މި ކޮންގްރެސް ނިމިގެންދާއިރު އަޅުގަނޑުމެން ނިންމާލާފައި ދާންވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ކަމަރު ބަނދެގެން. އެ ކަމަރަށް ދުލެއް ޖައްސާލަންވާނީވެސް ހަމަ ދާގޮތަށްގޮސް އިރާދަކުރެއްވިއްޔާ، ﷲގެ ތަނަވަސް ރަހްމަތްފުޅާ، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ މަސައްކަތާ، ޕާޓީގެ ހުރިހާ މެންބަރުންގެ އެކުވެރިކަމާ އެއްބައިވަންތަކަމާ ނުގުޑާފަދަ އަޒުމާއެކީގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދެއްވައިގެން."

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ހަމަޖެހުން ލިބި، ތަރައްގީގެ މަގުގައި ކުރިއަރައިގެންގޮސް، ދިވެހި ރައްޔިތުން އަމާން އަދި ފުދުންތެރި ދިރިއުޅުމަކަށް ފުރުސަތު ހޯދައިދެވޭނީ އެއް ވެރިޔަކު މަދުވެގެން 10 އަހަރުދުވަހު ވެރިކަމުގައި ހުންނަވައިގެންނެވެ.

މީގެއިތުރުން، ޕީއެންސީގެ ސަރުކާރުން މަސައްކަތްކުރާނީ، ރާއްޖެއަކީ ކަންކަން ނިންމުމުގެ އަމިއްލަ ބާރު އޮންނަ، ބޭރުގެ ފަރާތްތަކަށް ބަރޯސާ ނުވެ، އަމިއްލަ ފައިމަތްޗަށް ތެދުވެވޭ ފަދަ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ހެދުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ދިވެހީން ބޭނުންވަނީ މީގެ 900 އަހަރު ކުރިން ދިވެހިން ގަބޫލުކުރި މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމާއި މިނިވަންކަމުގައި ތިބެގެން، ތަރައްގީގެ މަގުގައި ކުރިއަރައި ދިއުމަށް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެކަން ކޮށްދެވޭނެ ތަސައްވަރާއި ގާބިލުކަން ހުރި ޕާޓީއަކީ ޕިއެންސީ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.