ޑިމޮކްރަސީ ދެމިއޮންނާނީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އަދި ވެރިކަމުގެ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން އެ ޚިދުމަތްކުރާ ރައްޔިތުންނަށް ޖަވާބުދާރީވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ، ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ދިވެހި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކަށަވަރުކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޑިމޮކްރެޓިކް ދުނިޔެއެއް ބައްޓަންކުރުމަށްޓަކައި، ބައިވެރިވުމާއި، ތަމްސީލުވުމާއި، އަދި ޖަވާބުދާރީވުން ޤާއިމުކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ ޚިދުމަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީ ރައްކާތެރިކޮށް، ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެކަން ފެށެނީ ޑިމޮކްރަސީގެ އަޞްލު މާނަ ކަމުގައިވާ ޙައްޤުތައް ޙިމާޔަތްކުރުމާ ހަމައިން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމަށެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، ކަރާމާތާއި، އަދި މާނަވީ ބައިވެރިވުމަކީ ޑިމޮކްރަސީ ބިނާވެފައިވާ މައިގަނޑު ބިންގާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވަނީ، ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމުގެ އިތުރުން ޤައުމީ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމުގެ ތެރެއިން މި ބިންގާތައް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ. އަދި ޒުވާނުންނާއި އަންހެނުން އިސްނަގައިގެން ޤައުމަށް ޚިދުމަތްކޮށް، މުސްތަޤުބަލު ބައްޓަންކުރުމަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ޢަމަލީ ސިފަ ފެނިގެންދާނީ ޤައުމުގައި ވެރިކަން ހިންގާ ގޮތުންނާއި، ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރުންނާއި، ރައްޔިތުންގެ އަޑު އަހާ ގޮތުން، އަދި ވެރިކަމުގެ ބާރުތަކުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރަކުން ކަމަށެވެ. އަދި ޙައްޤުތައް ޙިމާޔަތްކުރެވިފައިވާ، މުއައްސަސާތައް ވަރުގަދަ، އަދި ބާރުތައް ލިބިފައިވާ ފަރާތްތަކުން، ރައްޔިތުންނަށް ޖަވާބުދާރީވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް، ޢަޒުމް ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.