މައްކާގައި ތިބި ދިވެހި އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ މައްކާ އާއި ޖިއްދާ އަދި ޠާއިފަށް ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރެއް ނެރުމާ ގުޅިގެންނެވެ. ނަމަވެސް މި އިންޒާރު މިހާރު ވަނީ އުވާލާފައެވެ.

ވަޒީރު ވިދާޅުވީ މިވަގުތު މައްކާގައި ތިބި ދިވެހި ހުރިހާ އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި، އުމްރާވެރިންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.

ސަޢޫދީއަށް މި އިންޒާރު ނެރެފައިވަނީ، ޔަމަނުގެ ސަރަޙައްދުން ފޮނުވައިލި ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއްގައި ސަޢޫދީގެ ދެކުނުގެ ސަރަހައްދުތަކުން 13 މީހުން ޒަހަމްވިތާ އެއް ދުވަސް ފަހުންނެވެ.

މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަހައްދަށް މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު މުޅި ސަރަހައްދަށް ފޯރަމުންދާ ދާތީ، ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން ދަނީ އެ ގައުމުގެ ރައްޔިތުންނާއި، ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންނެވެ.