ރާޢްޖޭގެ މަރުކަޒީ ބޭންކާއި މެލޭޝިއާގެ މަރުކަޒީ ބޭންކާއި ދެމެދު 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެލިސިޓީއެއްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ވެރިންގެ ގުޅިފައިވާ ބަޔާނުގައި އަންވަރު އިބްރާހީމް ވިދާޅުވީ ދެ ގައުމުގެ މަޝްވަރާތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ގިނަ ކަންތައްތަކެއް ސަމާލުކަމަށް ގެންނެވިކަމަށެވެ. އެގޮތުން އެއް ކަމަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނިގަރާ މެލޭޝިއާ (އެމްއެންބީ) ގައި ރާއްޖޭގެ ސެންޓްރަލް ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެކެވެ.

އަންވަރުގެ ވާހަކަފުޅުގައި ވަނީ މެލޭޝިޔާއިން މި ފެސިލިޓީ ހަމަޖެއްސުމަށް އެއްބަސްވެވަޑައިގަންނަވާފައިވާކަން ހާމަކުރައްވާފައެވެ.

ވަރަށް މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ދިވެހިރާއްޖޭގެ ފަރާތުން ހުށެހެޅި ބައެއް ކަންކަމަށް ބަލާއިރު، އަޅުގަނޑުމެންގެ މަރުކަޒީ ބޭންކުން 100 މިލިޔަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ނެގުމާއި މެދު މަޝްވަރާ ކުރެވުނު. އަޅުގަނޑުމެން ވާނީ މިކަމަށް އެއްބަސްވެފައި. އެހެން ނަމަވެސް ދެ ޤައުމުގެ މަރުކަޒީ ބޭންކުތަކުން މިކަމުގައި ކުރިއަށް ގެންދާނެ ގޮތެއް ނިންމަވަން ޖެހޭނީ ވީހާވެސް އަވަހަށް. މިކަން ކުރެވޭނީ އިތުބާރާއި އެކުވެރިކަމުގައި

އަންވަރު އިބްރާހީމް / މެލޭޝިޔާގެ ބޮޑުވަޒީރު

މީގެއިތުރުން، ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުމުގެ ދާއިރާ، އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މެލޭޝިއާގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމާއެކު، ފަތުރުވެރިކަމާއި ހަލާލް އިންޑަސްޓްރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަތެވެ.

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނާއެކު ސާބިތުވެ ތިއްބެވިކަން ތަކުރާރުކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކަށް މަރްޙަބާ ވިދާޅުވެފައެވެ. އަދި 31 ވަނަ ކޮންފަރަންސް އޮފް ޕަރޓީޒް (ކޮޕް31) ގައި މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.