މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ ފުރާވަޑައިގަންނަވައިފިއެވެ.
އަންވަރު ރާއްޖެ ވަޑައިގެންނެވީ ރެ އެވެ. އަންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސްއެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި އެ މަނިކުފާނަށް ރަސްމީ މަރުޙަބާއެއް ދަންނަވާފައި ވެއެވެ.
ދެ ޤައުމުގެ އިސްވެރިންނާއެކު ރައީސް އޮފީހުގައި ރަސްމީ މަޝްވަރާތައް ބާއްވަވައި، ވިޔަފާރިއާއި، ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމީ ކަންތައްތަކުގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ދެ ޤައުމުގެ ވިސްނުން އެއްގޮތްކޮށް، ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދިފާޢީ ދާއިރާއާއި އިސްލާމީ ކަންތައްތަކާ ގުޅޭގޮތުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ. އަދި ދެ ޤައުމުގެ މެދުގައި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޚާއްޞަ ވިޔަފާރީގެ އެއްބަސްވުން) އެއް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާތައް ފެށުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ވިސާއާއި ކޮންސިއުލަރ ޚިދުމަތްތައް ލުއިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ޤައުމީ ފެންވަރުގެ މެހުމާންދާރީއެއް (ސްޓޭޓް ލަންޗް) ދެއްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޚާރިޖީ ވަޒީރު ވަނީ ބޮޑުވަޒީރު އަންވަރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތްތައް ކުރައްވާފައެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއިން ފުރާވަޑައިގަތުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ރަސްމީކޮށް އަލްވަދާޢު ދެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ.