ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމުގައި މެލޭޝިއާގެ ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީ ހޯދުމާ ގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ މެދު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުގައި ރައީސް މުއިއްޒުއާ އެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ ކިބައިން ގިނަ ކަންތައްތަކެއް، ރައީސް މުއިއްޒު އޭނާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ޕެޓްރޮނާސް އިން މިހާރު އަންނަނީ ކެނެޑާ އާއި ބްރެޒިލް އާއި ޕެރޫ އާއި ތުރުކުމެނިސްތާނާއި ސޫދާނާއި ސޫރިނާމުގައި ވެސް މަސައްކަތްކުރަމުން ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރާއްޖެއަށް އަަންނަން ޕެޓްރޮނާސްގެ މާހިރުންނަށް މާ ބޮޑު މައްސަލައަކަށް ވާނެ ކަަމަކަށް ނުފެންނަ ކަމަށާއި އަދި އެއީ އެ ކުންފުންޏަށް މާބޮޑު ކަމަކަށް ވާނެ ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އަންވަރު ވިދާޅުވިއެވެ. އަންވަރު ވިދާޅުވީ ތެޔޮ ނުހޯދުނަސް އެންމެ ކުޑަމިނުން ދުވަސްކޮޅަކަށް އެ ބޭފުޅުންނަށް ރާއްޖޭގައި އަރާމުކޮށްލެވޭނެ ކަމަށެވެ.

އެ ބަޔާނުގައި އަންވަރު ވަނީ މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބެން ވިސާ ނުލިބުން އެއީ ބިއުރޮކްރެޓިކް މައްސަލައެއް ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ކެބިނެޓް ބައްދަލުވުމަށް އެ މައްސަލަވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަންވަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހަމަޖެއްސުމަށް މެލޭޝިއާގެ މަރުކަޒީ ބޭންކު، ބޭންކް ނެގާރާ މެލޭޝިއާގައި އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އިތުބާރުގެ މައްޗަށް ބިނާކޮށް އެ ފެސިލިޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ.