ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށަން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިކަންހާމަކުރެއްވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.

އެ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ޤައުމުގެ ޒަމާންވީ ގާތްގުޅުމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމް ދައްކުވައިދޭ ކަމެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އެގޮތުން މިހާރު ގުޅިގެން މަސައްކަތް ކުރާ ދާއިރާތައް އިތުރަށް ހަރުދަނާކުރުމާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރަސްމީ މަޝްވަރާތަކުގައި ވިސާގެ ޚިދުމަތް ފުޅާކުރުމާއި ސްކޮލަރޝިޕް ފުރުސަތުތައް އިތުރުކުރުމާއި ގުޅިގެން ދިރާސާތައް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. މީގެ އިތުރުން މިހާރު މެލޭޝިއާގައި ދިރިއުޅޭ ދިިވެހިންނާއި ބޭސްފަރުވާއަށް އެ ޤައުމަށްދާ ދިވެހިންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ޤައުމުގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގައި ހަލާލް ފަތުރުވެރިކަމާއި، ސަގާފީގޮތުންނާާއި ދީނީ ފަތުރުވެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް އެ ބަޔާނުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެ ޤައުމުގެ ދެމެދުގައި ޓްރޭޑް އެގްރީމަންޓެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާކަމަށާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާ ސަރުކާރާއި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ޚާއްސަކޮށް އިއާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އާއި އިމާރާތްކުރުމާއި އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެއްވި އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ މީގެ ސަބަބުން އައު ފުރުސަތުތައް ފަހިވެ، ދެ ޤައުމުގެ ދޭދޭގުޅުން އިތުރަށް ކުރިއަރައިގެންދާނެ ކަމަށެވެ. އަދި މެލޭޝިއާއަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ޒަމާންވީ ބައިވެރިއެއް ކަމަށާއިި މަތީތަޢުލީމުގެ ދާއިރާއިން އެ ޤައުމުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ރައީސް މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް، އެ ޤައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އާއި މެލޭޝިއާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.