ވިއްސާރައިގައި ދިމާވިކަންކަން ޙައްލުކުރެވި، ޚިދުމަތްތައް ވަނީ ޢާންމު ޙާލަތަކަށް ގެނެވިފައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމް) އޭ އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް، ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމަށްފަހު، މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށް އެ ރަށްރަށުގެ ކައުންސިލްތަކުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވިއްސާރައާ ގުޅިގެން މެދުކެނޑުނު ޢާންމު ޚިދުމަތްތައް އަލުން ފެށި، ޙާލަތު އާދައިގެ ދިރިއުޅުމަކަށް ބަދަލުވަމުންދާކަންވެސް އެ އިދާރާތަކުން ފާހަގަކުރާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭ އިން ބުނީ މި ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މިހާރު ފަށާފައިވާ ކަމަށެވެ. ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު ޢާއިލާތައް އަނބުރާ އެމީހުންގެ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސަމުން ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
އެންޑީއެމްއޭ އިން ބުނީ ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައްވެސް ޙައްލުކުރެވި، ޚިދުމަތް މިހާރު ގާތްގަނޑަކަށް ޢާންމު ޙާލަތަކަށް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ރަށްރަށުގެ ޙާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވަމުންދާއިރު، ފެންބޮޑުވި ސަރަޙައްދުތަކާއި ގެދޮރު ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ޞިއްޙީ އިރުޝާދުތައް، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ދަނީ ޢާންމުންނަށް ފޯރުކޮށްދެމުން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން އެ އޮތޯރިޓީން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ހާމަކުރެއެވެ.
މި ޙާލަތަށް އިޖާބަދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާ ކަމަށާއި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާން ފަށާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ޕެސިފިކް ކަނޑުގައި އުފެދިފައިވާ 'އެލްނީނޯ' ގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަމަށް ލަފާކުރެވިފައިވާތީ، ވިއްސާރަ ފެށުމުގެ ކުރިން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމީ އިންޒާރުތައް ދިޔައީ ނެރެމުންނެވެ. އެހެންކަމުން، ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް ކައުންސިލްތަކާއި އެކި މުއައްސަސާތަކުން ވަނީ ދުރާލައި ތައްޔާރީ ފިޔަވަޅުތައް އަޅާފައި ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.