އިސްލާމިކް އެފެއާޒްގެ ދާއިރާއިން އެެއްބާރުލުން ދިނުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އަކާއި ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ދެ ގައުމުން މި އެމްއޯޔޫތަކުގައި ސޮއިކުރީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
ދީނީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެ އެމްއޯޔޫގައި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޖުހާރީ ބިން އަބްދުލް ޣަނީ އެވެ.
މީގެ އިތުރުން ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫގައި ވެސް މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޖުހާރީ އެވެ. އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެެއްވީ ޑިފެންސް މިނިސްޓަރު ހަަސަން ރަޝީދެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރޭ ރާއްޖެ ވަޑައިތުމުން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެ އިތުރަށް އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ސަގާފީ ހުށަހެޅުމެއް ހުށަހަޅައިދިނެވެ. އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.