މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ)އިން އާއްމުކޮށްފައިވާ މިއަހަރުގެ އޮގަސްޓުމަހުގެ މާލީ ރިޕޯޓުގައިވާގޮތުން އޮގަސްޓު މަހު އެކަނި މުދަލު ޒަކާތަށް މި އަހަރު ވަނީ 7.3 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓުމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
އަހަރުގެ މިހާތަނަށް 104.4 މިލިއަން ރުފިޔާ މުދަލު ޒަކާތަށް ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 82،163،911 ރުފިޔާގައެވެ. އެހެންކަމުން މިއީ %27 އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން ރާއްޖޭގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.