ރާއްޖޭގައި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ 2 މީހަކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އެ ދެމީހުން ހައްޔަރުކުރީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.

އެގޮތުން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.

ފުލުހުން ބުނީ މީގެ ތެރެއިން އެމްޑީ މަސްއޫދު 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ހާމަކުރެއެވެ.