"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ވަނީ ލޯގޯ ފަރުމާ ކުުރުމާއި ބެހޭ ގަވާއިދާއި ފޯމް ވެސް މިހާރު އާންމުކޮށްފައެވެ. ލޯގޯ ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ. ލޯގޯ ތައްޔާރުކުރުކޮށް ހުށަހެޅުމުގައި ލޯގޯގެ ހާޑް އަދި ސޮފްޓް ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އެ މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ވުޒާރާއިން ބުނީ ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުމާއި ދިވެހި ޤައުމާއި އަދި ދިވެހިންގެ މާހައުލާގުޅޭ ކުލަތައް ބޭނުންކުރުމާއި ލޯގޯއަކީ ބެޖު، ސްޓިކަރ، ބޭނަރ އަދި ޗާޕުކުރެވޭ ފަދަ ލިޔުންތަކުގެ އިތުރުން ޓީޝާޓުގައިވެސް ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވާންވާނެ ކަމަށެވެ. އަދި އިލެކްޓްރޯނިކް މީޑިއާއާއި، އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ ލޯގޯއަކަށްވާން ޖެހޭނެ ކަމަށެވެ.
އެ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކަކީ ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު،ކޮމްޕޮޒިޝަން އަދި ޑިޒައިން އެލެމެންޓްސް ބޭނުންކުރެވިފައިވާ ގޮތަށް 30 މާކުހެވެ. އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަމަށް 20 މާކްސް ހިމެނޭހެން ދިވެހިވަންތަކަމަށް 20 މާކްސް އަދި އިޙުތިރާމު އަދާކުރުން ރަމްޒުކޮށްދީފައިވާ މިންވަރު ހިމެނެއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ އުޞޫލުގައިވާގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އުމުރުން 16 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެއްވަނައަށް ހޮވާ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެއްވަނައަށްދާ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައިކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ބުނެއެވެ.
ދިވެހީންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވާ އާލާ ކުރުމުގެ ގޮތުން "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބޮޑު މަޝްރޫޢުއެއް ހިންގަވާނެ ކަން ރައީސް އިއުލާނު ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ.