އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 1 އިން 3 އަށެވެ.
އެމްޑީޕީން ވަނީ، ކޮންގްރެސްއަށް ހުށަހެޅުމަށްޓަކައި މީގެކުރިން ހުޅުވާލި ފުރުސަތުގައި ލިބިފައިވާ އިސްލާހުތައް އާންމުކޮށްފައެވެ. އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހަށާއި "ލާމަރުކަޒީ ސިޔާސަތު" ކަރުދާސް އަދި ސިޔާސަތުގެ އިސްލާހަށް އިސްލާހު ހުށަހަޅާ ފޯމް އަދި އަސާސީ ގަވައިދުގެ އިސްލާހުގެ އިސްލާހަށްވެސް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ މި ކަރުދާސްތަކާއި އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 20 ވާ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް ކަމަށް އެ ޕާޓީން ބުނެއެވެ.
މި ހަފްތާގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސް އެއް ބާއްވަން ޖެހޭ ކަމަށެވެ. މިގޮތުން މި މަހުގެ 19 ގައި އެ ޕާޓީގެ ކޮންގްރެސް ބާއްވަން ތާވަލުކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ ހޯލްގައި ކޮންގްރެސް ކުރިއަށް ގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މަންދޫން ކަނޑައެޅުމާއި މުޅި ޑެލިގޭޝަންގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މީގެ އިތުރުން މި ފަހަރުގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ އިތުރުން، އެމްޑީޕީގެ ކައުންސިލްތަކުން ހިންގަން ރާވާފައިވާ އެކިއެކި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ހާއްސަ ފޯރަމެއް ވެސް ބާއްވާނެ ކަމަށް އެމްޑީޕީން ހާމަކުރެއެވެ.