ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓްގެ ދަޢުވަތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު އައްބާސް ޝަރީފް ޗައިނާގެ ބެއިޖިންގއަށް ވަޑައިގެންފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލަށާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ބެއިޖިންގ އިން މަރްޙަބާ ވިދާޅުވީ، ޗައިނާގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޝީ ވައިޒޮންގްއެވެ.
ޕީޖީގެ މި ދަތުރުފުޅުގައި، ޗައިނާގެ ޕްރޮސިކިއުޓަރ ޖެނެރަލް ޔިންގް ޔޮންގއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ޕްރޮސިކިއުޓަރ ޖެނެރަލުން ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ "އެގްރީމަންޓް އޮން ކޯޕަރޭޝަން ބިޓްވީން ދަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ޕްރޮސިކިއުޓަރ ޖެނެރަލްސް އޮފީސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގައެވެ.
މީގެ އިތުރުން، ޗައިނާގެ ބެއިޖިންގ މުނިސިޕަލް ޕީޕަލްސް ޕްރޮކިއުރޭޓްގެ ޗީފް ޕްރޮސެކިއުޓަރ ޒޫ ޔަޕިންގއާއި، ޝާންޒީ ޕްރޮވިންޝަލް ޕީޕަލްސް ޕްރޮކިއުރޭޓްގެ ޗީފް ޕްރޮސެކިއުޓަރ ވަންގް ޝުގުއާންއާ ވެސް ޕީޖީ ބައްދަލުކުރައްވާނެއެވެ.
ޕީ.ޖީ.އޯ.ގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު މުޙައްމަދާއި، ޑރ. ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދު ސަލީމްއާއި ޑިރެކްޓަރ ޖެނެރަލް އާމިނަތު ވަހީދާއާއި، ޑިރެކްޓަރ މީޑިއާ އެންޑް ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢުއާއި، ޑިރެކްޓަރ އިވެންޓްސް އެންޑް ޕަބްލިކް ޕްރޮސިކިއުޓަރ ސުލްޠާނާ އާދަމް އެވެ.
މި ދަތުރުފުޅުގެ ސަބަބުން، ޕީޖީގެ އޮފީހާއި ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓާއި، ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ތަޖުރިބާއާއި މަޢުލޫމާތު އިތުރަށް ބަދަހިވެގެންދާނެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިމޭނީ 18 ސެޕްޓެމްބަރ 2026 ގައެވެ.