ވަގުފް ކޮންޕަނީއެއް އުފެއްދުމުގެ ބޭނުމަކީ މިސްކިތްްތައް ފޭރި ގަނެ، މިސްކިތްތައް ކޮންމަޕަނީގެ ދަށަށް ގެނައުމެއް ނޫން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
"ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ބައެއް ހަބަރު ތަކުން މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެއީ ވިޔަފާރީ ކޮށްގެން އަދި އެހެނިހެން ގޮތްގޮތުން މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވީ މިހާރުވެސް ކޮންމެ އަހަރަކު މާލެ ސިޓީ ކައުންސިލްއަށް މިލިޔަންއެއްހާ ރުފިޔާ ދީފައިވާ ކަމަށާއި ސަރުކާރުގެ ބަޖެޓުން ލިބޭ މިންވަރަކުން އެހެން ކައުންސިލްތަކަށް ލާރިދޭ ކަމަށެވެ.
އިސްލާމީ ޝަރީއާ ހުއްދަ ކުރާ ދާއިރާތަކުގައި ވިޔަފާރީ ކޮށްގެން އެހެން ގައުމުތަކުގައިވެސް މިކަން ކުރާ އުސޫލުން ޒަމާނީ ނިޒާމެއްގެ ތެރެއިން މިކަންތައް ރަނގަޅު ގޮތުގައި ބެލެހެއްޓޭން ގޮތެއް ހޯދަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ނިޒާމެއްގެ ތެރެއަށް ދިޔުމަށް ސަރުކާރުން އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަން ފާހަގަކޮށް އެކަމަށް ވަޒީރު ޝުކުރު ދެއްނެވިއެވެ.
ކުޅުދުއްފުށީގައި 10 މިލިޔަން ރުފިޔާގެ ވަގުފް މަޝްރޫއެއް ކުރިއަށްދާ ކަމަށާއި އެތަނުން މަހަކު އެއް ލައްކަ ރުފިޔާ ލިބޭނެ ކަމަށް ކައުންސިލް އިން ލަފާކޮށް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ތިނުދޫގައިވެސް 10 މިލިޔަން ރުފިޔާގެ ޕްރޮގެކްޓެއް ކުރިއަށްދާ ކަމަށާއި އައްޑޫގައި 20 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް، ހުޅުމާލޭގައި 250 ރުފިޔާގެ ޕްރޮޖެކްޓް، މާލޭގައި 40 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ހިނގާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން ލިބޭ ބަޖެޓުން މިކަންކަން ނުބެލެހެއްޓޭނެ ކަމަށެވެ. ހަގީގަތް ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ވިޔަފާރީގެ އުސޫލުން މަސައްކަތް ކޮށް ޕްރޮޖެންޓް ހިނގާ ފުޅާކޮށްގެން ފައިސާ ޖެނެރޭޓް ކުރަން ޖެހޭ ކަމަށެވެ.