ސިނަމާލެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާ ވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސިނަމާލެ ބުރިޖުގެ މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ރޭ 19:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ޖުމުލަ 3 މީހަކަށް އަނިޔާވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ ކަމަށެވެ. އަދި އޭގެ ތެރެއިން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފަވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.