އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ގޮވާލައިފި އެވެ.

އެޗްޕީއޭ އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ދުވަސްވަރު ފެތުރެމުންދާ ރޯގާތަކުން އަމިއްލަ ނަފްސާއި އާއިލާ ރައްކާތެރިކުރުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.

އެގޮތުން އެޗްޕީއޭއިން ސަމާލުވާން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލާލާއިރު، ސައިބޯނި ލައިގެން ގަވާއިދުން އަތް ދޮވުން، ދުވާލުގެ އެކި ވަގުތުތަކުގައި ގިނައިން ފެނާއި ދިޔާ އެއްޗެހި ބޭނުންކުރުން، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މާސްކު އެޅުން އަދި ބަލިވެ އުޅޭނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކޮށް އަރާމުކުރުން ހިމެނެ އެވެ.

އެޗްޕީއޭ އިން ވަނީ، މުޖުތަމައުގެ ދުޅަހެޔޮކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.