ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ކިޓެއް ބޭނުންކުރީ އެވަގުތު އެހެން ގޮތެއް ނެތުމުން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

ބިސް ބުރަށް ގައުމީ ޖޯޒީ ދިނީ އެހެން ގޮތެއް ނެތިގެން: އެފްއޭއެމް
ބިސް ބުރަށް ގައުމީ ޖޯޒީ ދިނީ އެހެން ގޮތެއް ނެތިގެން: އެފްއޭއެމް

ހޮނިހިރު ދުވަހު އީގަލްސް އަތުން 3-1 އިން ބަލިވި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ނޫ ކުލައިގެ ކިޓެއް ބޭނުންކުރީ އެ ޓީމުން މެޗުގައި ބޭނުންކުރަން ހަމަޖެހިފައި އޮތް ޖޯޒީ އާއި އީގަލްސްއިން ބޭނުންކުރި ޖޯޒީގެ ކުލަ އެއްގޮތް ކަމަށްވާތީއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކޮށް، އެ ކްލަބަށާއި އެފްއޭއެމްއަށް ވެސް ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން ބައެއް މީހުން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމެއްގެ އަތުގައި ދެވަނަ ކިޓެއް ނެތީތޯ ސުވާލު އުފައްދާފައެވެ. އަދި އަނެއްބައި މީހުން ވަނީ މިއީ ގައުމީ ޖޯޒީއަށް ކުރެވުނު ބޭއިހްތިރާމެއް ކަމަށް ބުނެ، މި މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މި މައްސަލައާ ގުޅިގެން، ނަން ހާމަނުކުރުމަށް އެދި، ބިސް ބުރު ސްޕޯޓްސް ކްލަބުން "ވީނިއުސް" އަށް މައުލޫމާތުދިން ފަރާތަކުން ބުނީ، އެ މެޗުގައި ބޭނުންކުރާނެ ޖޯޒީގެ ކުލަ އެފްއޭއެމްއަށް އެންގުމުން، އެ ޖޯޒީ ބޭނުން ނުކުރެވޭނެކަން ކުރިން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ޓީމުން ދަނޑަށް ހާޒިރުވީ އިތުރު ކިޓެއް ނެތި ކަމަށާއި، މެޗު ފަށަން ތައްޔާރުވެފައި އޮއްވާ، އެ ޖޯޒީ ބޭނުންނުކުރެވޭނެ ކަމަށް ބުނެ އެފްއޭއެމްއިން ގައުމީ ޓީމުގެ ކިޓެއް ދިނީ ކަމަށް އޭނާ ބުންޏެވެ.

ބިސް ބުރުގެ ކުޅުންތެރިން ދަނޑަށް ނުކުންނަނީ

މިކަމާ ބެހޭގޮތުން "ވީނިއުސް" އިން ސުވާލުކުރުމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު ޒަރީރު ވިދާޅުވީ، ބިސް ބުރުން ގެންދިޔަ ރަން ކުލައިގެ ޖޯޒީއަކީ އީގަލްސްގެ ޖޯޒީއާ ގުޅޭ ކުލައެއް ކަމަށްވާތީ، ޖޯޒީ ބަދަލުކުރަން އަންގަން ނިންމީ މެޗުގެ ރެފްރީން ކަމަށެވެ. އަދި ބިސް ބުރަށް އެ ޖޯޒީ ބޭނުން ނުކުރެވޭނެކަން ކުރިން އަންގާފައި ނެތީ، ކްލަބުން ފޮނުވި ފޮޓޯއިން ދެ ޓީމުގެ ޖޯޒީގެ ކުލަ އެހާ އެއްގޮތް ކަމުގައި ފާހަގަނުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ދެ ޓީމުގެ ޖޯޒީގެ ކުލަ އެއްގޮތްވުމުން އެފްއޭއެމްއިން އަމަލުކުރާ އުސޫލުގެ ދަށުން ބިސް ބުރަށް އެހެން ޖޯޒީއެއް ދޭން ބެލިއިރު، ގައުމީ ޓީމުގެ ޓްރެއިނިން ކިޓު ފިޔަވައި އިތުރު ކިޓެއް އެވަގުތު ދެވެން ނެތް ކަމަށެވެ. އެހެންކަމުން މެޗު ފަސްކުރުމަށް ވުރެ އެ ކިޓު ބޭނުންކުރުން ރަނގަޅުކަމަށް ފެންނާތީ އެގޮތަށް އަމަލުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ޓީމުގެ ޖޯޒީގެ ކުލަ އެއްގޮތް ވުމުން ގައުމީ ޓީމުގެ ކިޓެއްގައި ބިސް ބުރު ޓީމު ކުޅެން ނެރެން ޖެހުނީ އެފްއޭއެމްގެ އިހުމާލުން ކަމަށާއި، މިއީ ލީގުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެސޯސިއޭޝަނުން ފެއިލްވެފައިވަކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.