ރާއްޖޭގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް އެތެރެވި ބޭރުގެ ދެ އުޅަނދެއް ލަނގަރު ކެނޑިގެން ގޮސް، މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު މައްސަލައިގައި، ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލު ތަޙުޤީޤުކޮށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މި ހާދިސާ ކުށްވެރިކޮށް ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ހިމެނޭ އެމް.ޓީ ކޭ.ޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭ.އެލް 1 (ޓަގުބޯޓު) އަކީ 2026 އެޕްރީލް 26 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤާނޫނާ ޚިލާފަށް ވަނުމާ ގުޅިގެން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ އުޅަނދެވެ. އަދި 2026 މެއި 3 ވަނަ ދުވަހުން ފެށިގެން މި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭގެ ބަނދަރުގައި އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން 2026 ސެޕްޓެންބަރު 10 ވަނަ ދުވަހު މި ދެ އުޅަނދުގެ ލަނގަރު ކެނޑިގެން ގޮސް މާލޭގެ އިރުމަތީ ފަރާތު ފަރަށާއި ސިނަމާލެ ބްރިޖުގެ ތަނބަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި މި ހާދިސާ ހިނގައިދިޔަ ގޮތުގެ ޞައްޙަ މަޢުލޫމާތު މިހާތަނަށްވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީއާއި، މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު މިއީ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ރިޕޯޓްކުރާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މާލެ ސިޓީގެ އިޚްތިޞާޞްގައިވާ ތިމާވެއްޓާއި، ފަރުތަކާއި، ކަނޑުގެ ވަސީލަތްތަކުގެ އިތުރުން މުނިސިޕަލް ޢުމްރާނީ ވަސީލަތްތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެއްކަން ފާހަގަކުރަމުން، ކައުންސިލުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް 3 ކަމަކަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ކައުންސިލުން ގޮވާލާފައިވާ ކަންކަމަކީ:
1. މުއައްސަސާތަކުގެ އިހުމާލު ތަޙުޤީޤުކުރުން: މި އުޅަނދުފަހަރު ރާއްޖެއަށް އެތެރެވި ގޮތާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި ނަގިލި ކެނޑިގެން ގޮސް މާލޭ އިރުމަތީ ފަރަށް އަރައި ބްރިޖުގައި ޖެހެން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި ރިޕޯޓު ޢާންމުކުރުން.
2. ތިމާވެއްޓާއި ބްރިޖަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުން: އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކުރުމާއި، ބްރިޖަށް ލިބުނު ގެއްލުމުގެ މާލީ ބަދަލު ހޯދުން.
3. ސިނަމާލެ ބްރިޖުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުން: ދެ އުޅަނދު ޖެހުމުގެ ސަބަބުން ބްރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިންގ އޮޑިޓަކުން ކަށަވަރުކޮށް، ބްރިޖުގެ ރައްކާތެރިކަން ޢާންމުންނަށް ޔަޤީންކޮށްދިނުން.
މާލެ ސިޓީ ކައުންސިލުން ވަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި މާލެ ސިޓީގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަވަހަށް އެޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ގޮވާލާފައެވެ.