ސިފައިންގެއާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަހްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު) އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ސިފައިންގޭގައި ގިނަ ދުވަހު ހިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމާއެކު، ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ހާސިލުކުރައްވައިފައިވާ، މ.މާކަރީ، އަޙްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު) އަވަހާރަވުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށް ނުހަނު އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސްގެ ޕޯސްޓް ނިންމަވާލެއްވީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމު ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި އަޙްމަދު މަނިކަށްވަނީ ދައުލަތަށް ޚިދުމަތްކުރެވުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.