އަމާޒަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" މިސްކިތުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުން ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ މިސްކިތުގެ ބިންގާ އަޅުމަށް އެކަމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރެވޭ މިސްކިތާއި އިސްލާމީ ހަޟާރަތާބެހޭ މަރުކަޒަކީ މީގެ 20 އަހަރުކުރިންވެސް ހުޅުމާލޭގެ ތަސައްވުރުގެ ތެރޭގައި ހިމެނުނު މަސައްކަތެއް ކަމަށެވެ.

އެހެން ކަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އެންމެ ފުރަތަމަ މި މިސްކިތް ބިނާ ކުރުމަށް ނިންމީ ހުޅުމާލެ ސެންޓްރަލް ޕާކުގެ ސަރަހައްދެއްގައި ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކަށް އެ މަސައްކަތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ﷲގެ ތަނަވަސް ރަޙުމަތާއެކުގައި ދެ އަހަރު ދުވަހުގެ ތެރޭގައި، ގިނަވަގެން ދެ އަހަރު ދުވަހުގެ ތެރޭގައި މި މިސްކިތުގެ ބައި ނިންމުން. މިސްކިތާއެކުގައި އަދި ވަޤުފް މަޝްރޫއުތަކެއްވެސް އެބަހުރި. އެހެންނަމަވެސް އެކަމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ހުރުމާއެކު އެބައި އަޅުގަނޑުމެން ވަކިން ކުރިއަށްގެންދަނީ. އިރާދަކުރެއްވިއްޔާ މިސްކިތުގެ ބައި އަވަހަށް ފަށައި، އަވަހަށް ނިންމުމަށް އަޅުގަނޑުމެން މިދަނީ އަޒުމާއެކުގައި މަސައްކަތް ކުރަމުން،"

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި މިފަދަ މިސްކިތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެ، މިއަދު ބިންގާ އަޅުއްވާދެއްވާފައިވާއިރު އެ މަސައްކަތް ކާމިޔާބު ކުރެވުނީ އެ މަނިކުފާނު ދެއްވި ހާއްސަ އަހައްމިޔަތުގެ ސަބަބުން ކަމަށެވެ. އަދި މި މިސްކިތުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު މިސްކިތާއެކު ގާއިމުކުރާ އިސްލާމީ ހަޟާރަތާބެހޭ މަރުކަޒުގައި ރާއްޖެ އިސްލާމްވި ގޮތާއި 900 އަހަރުވަންދެން އިސްލާމީ ހަޟާރަތް ކުރިއަރައިގެންދާގޮތް ކިޔައިދެވޭނެ އިންތިޒާމުތަށް ހަމަ ޖެހިފައިވާނޭ ކަމަށެވެ.

އަދި މިއީ ގައުމީ މުހިންމު މަސައްކަތެއް ކަމަށާއި މިފަދަ ކޮންމެ މަސައްކަތެއްވެސް ކުރިއަށްދާނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން، އެޗްޑީސީންނާއި ރާއްޖެއަށް ސަޢުދީ އަރަބިއްޔާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މި މަޝްރޫއަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.