މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އިސްލާމިކް ބޭންކިންގ އުސޫލުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދިންގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތަށް އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުޢީ ހަމަތަކާ އެއްގޮތް ޚިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ ގޮތް ބޭންކުން ހަމަޖައްސައިފައެވެ.

ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުތެރޭ ބޭންކުން ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިންގ ބްރާންޗް ތަކަކަށް ބަދަލުކޮށް، އެ ބްރާންޗްތަކުން މިހާރު ޚިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންގ ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން އިސްލާމިކް ބޭންކިންގ ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.

ބީއެމްއެލްއިން ވަނީ ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ޚިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބޭންކުން ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ޚިދުމަތްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ ޚިދުމަތްތައް ހިމެނެއެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ. އާންމު ފަރުދުންގެ ބޭންކިންގ ޚިދުމަތްތައް އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގ ފުޅާކުރުމަށް ބީއެމްއެލް އިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ.